ކޯޓުގެ ތަޢާރަފް

ތަޢާރަފް

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހައިކޯޓެއް ޤާއިމުކުރެވިފައިވަނީ 1980 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 05 ވަނަ ދުވަހުގައެވެ. ހައިކޯޓު އުފެދުނީއްސުރެ ހައިކޯޓުގެ ޝަރީޢަތްތައް ޢާންމު ގޮތެއްގައި ހިނގަމުންއައިސްފައިވަނީ މާލޭގައެވެ.
ޤާނޫނު ނަންބަރު 2014/40 (ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) އިން ދިވެހިރާއްޖޭގެ 2 ސަރަހައްދެއްގައި ހައިކޯޓުގެ 2 ގޮފި ޤާއިމްކޮށް، އެދެ ގޮތްޕަށް ފަނޑިޔާރުން ޢައްޔަން ކުރުމުގެ މަސްއޫލިއްޔަތު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓާއި ޙަވާލުކުރެއްވުމާއި ގުޅިގެން ހައިކޯޓުގެ ދެކުނު ގޮފި ސ.ހުޅުދޫ – މީދޫ ގައި ޤާއިމް ކުރެވިފައިވެއެވެ.

ހައިކޯޓު ދެކުނު ގޮފި ނިސްބަތްވާ ސަރަހައްދު

ހައިކޯޓާއި ދިވެހިރާއްޖޭގެ 2 ސަރަޙައްދުގައި ޤާއިމްކުރާ ހައިކޯޓުގެ ގޮފިތަކަށް ނިސްބަތްވާ ސަރަހައްދުތައް ކަނޑައެޅުމާއިބެހޭ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/07/SC (12 ފެބްރުއަރީ 2015) ސަރކިއުލަރ އިން ކަނޑައަޅުއްވާފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ދެކުނުގައި ޤާއިމްކުރާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދަކީ، ގއ. (ހުވަދުއަތޮޅު އުތުރުބުރި)، ގދ. (ހުވަދުއަތޮޅު ދެކުނުބުރި)، ޏ. (ފުވައްމުލައް)، ސ. (އައްޑޫ) އެވެ. ހައިކޯޓުގެ ދެކުނު ގޮފީން ބެލުމަށް ހަމަޖެހިފއިވަނީ މި ބަޔާންކުރެވުނު ސަރަހައްދުގައި ހިމެނޭ ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.

ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރުން

ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮތްޕަށް ފުރަތަމަ ފަހަރަށް ފަނޑިޔާރުން ޢައްޔަން ކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރަކުން 21 ޖޫން 2015 ވަނަ ދުވަހުއެވެ.
ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރުންގެ ގޮތުގައި އެންމެފުރަތަމަ ކަނޑައެޅުއްވި ފަނޑިޔާރުންނަކީ:
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އައްބާސް ޝަރީފު އެވެ.
2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހު 01 ވަނަ ދުވަހު އަލްއުސްތާޛް އައްބާސް ޝަރީފް، ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔާކުރެއްވުމާއި ގުޅިގެން، 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ހައިކޯޓު ދެކުނުގޮފީގެ ފަނޑިޔާރުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރަކުން ކަނޑައެޅުއްވިއެވެ.
2016 ވަނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު ޑރ.އަޒްމިރާލްދާ ޒާހިރު ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، 2016 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ހައިކޯޓު ދެކުނުގޮފީގެ ފަނޑިޔާރުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޝުޖާޢު އުޘްމާން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރަކުން ކަނޑައެޅުއްވިއެވެ.

އިސްފަނޑިޔާރު
ހައިކޯޓުގެ ދެކުނު ގޮތްޕަށް ކަނޑައަޅުވާފައިވާ ފަނޑިޔާރުންގެ ތެރެއިން އެކޯޓުގެ އިސްފަނޑިޔާރުގެ ގޮތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރަކުން، 2015 ވަނަ އަހަރުގެ ޑިސެމްބަރު 13 ވަނަ ދުވަހު ކަނޑައަޅުއްވާފައިވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

ހައިކޯޓު ދެކުނު ގޮފީގެ މަސައްކަތް ފެށުން
2015 ވަނަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުން ފެށިގެން ޤަވާޢިދުން ޝަރީޢަތްތައް ބާއްވަމުން ގެންދިއުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރަކުން 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހު ކަނޑައަޅުއްވައި، އެކަން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވެއެވެ.

ހައިކޯޓު ދެކުނު ގޮފީގެ އިޚްތިޞާޞް
ޤާނޫނު ނަންބަރު 2014/40 (ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާހް ގެނައުމުގެ ޤާނޫނު) އިން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 35 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙާއެކު، އެޤާނޫނުގެ 35 ވަނަ މާއްދާގެ (ރ) ގައި، ދިވެހިރާއްޖޭގެ 2 ސަރަޙައްދުގައި ޤާއިމްކުރެވޭ ހައިކޯޓުގެ 2 ގޮފީގެ އިޚްތިޞާޞް ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނުގެ މި މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/07/SC (12 ފެބްރުއަރީ 2015) ސަރކިއުލަރ ގައި ވާގޮތުން ހައިކޯޓު ދެކުނު ގޮފީގެ އިޚްތިޞާޞް ކަމުގައި ކަނޑައަޅާފައިވަނީ، އެކޯޓު ނިސްބަތްވާ ސަރަހައްދުގެ ރައްތަކުގައި ޤާއިމްކުރެވިފައިވާ ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފު ބެލުމެވެ.

ހައިކޯޓުގެ ފަނޑިޔާރުންނާ ބެހޭގޮތުން އިތުރަށް ވިދާޅުވެލައްވާ

In the majority of cases, problems that are assigned at your physics classes, serve https://writemyessay4me.org/ as models for demonstrating the situations, which may happen in real life.